Thursday, May 17, 2012


ފުރޭންޏަށް ލިބުނު އިއްޒަތް
އަޙްމަދް ސަމީރު އަލީ
އަޅުގަނޑުމެންގެ އާއިލީ ވިޔަފާރީގެ ދަށުން ޗާނަދަނީ މަގުގައި  ދެ ފިހާރަ ހިންގީމެވެ. އެއްފިހާރައިގައި ވިއްކީ ގެއާއި ބަދިގެއަށް ބޭނުންވާ ތަފާތު ތަކެއްޗެވެ. މި ފިހާރައިގެ މަހު ކުލި 400 ރުފިޔާއިން 25 އަކަށް އަހަރުގެ ތެރޭގައި 35000 ރުފިޔާއަށް އެރުމުން، ވިޔަފާރީގެ ނަފާ ހުލިވަމުން ބޮނޑުނިގުލަށް ދާން ފެށުމުން އެފިހާރަ ބަންދު ކުރަން މަޖުބޫރުވީއެވެ. ފިހާރަ ބަންދުކުރުމުން މިތަކެތި ވިއްކާ ހުސްކުރަން މިޖެހެނީ އަހަރަކު އެއްފަހަރު އޮންނަ މަގުމަތީ ބާޒާރުގައެވެ. ގުދަނުގައި ބެހެއްޓުމުން ގުދަނު ކުލި މަހުން މަހަށް ތަކެތީގެ އަގުގެތެރެއަށް ވަންނަމުން ދާތީ، ފައިދާއަށްވުރެ ބޮޑަށް ގުދަން ހުސްކުރެވޭތޯ ބެލުމަށް އިސްކަންދީގެންނެވެ.
      ނައިޓްމާކެޓްގެ ނަމުން މަޝްހޫރުކަން މިހާރު ލިބިފައިވާ މަގުމަތީ ބާޒާރުގައި  އަޅުގަނޑުމެންވެސް އެއްކަލަ ބަދިގޭސާމާނު ވިއްކާ ހުސްކުރެވޭތޯ ބެލި ރެއެއްގައި އަޅުގަނޑުމެންގެ މޭޒުން ވިޔަފާރި ކުރި ދެ އަންހެނަކު އަދިވެސް އަޅުގަނޑުގެ ހިތަކުން ނުފިލައެވެ! ގަނެވިއްކުމުގައި އުޅޭ ކޮންމެ މީހަކަށްވެސް ހަމަ ކޮންމެ ދުވަހަކުވެސް މުއާމަލާތް ކުރަންޖެހޭ އެތައް ސަތޭކަ މީހުންގެ ތެރެއިން މުޖްތަމައުގައި ހިމެނޭ ހުރިހާވައްތަރެއްގެ މީހުންނާ ދިމާވެ ޚިދުމަތް ފޯރުކޮށްދެން ޖެހެއެވެ. މިދެންނެވި ކަސްޓަމަރުންގެ ތެރޭގައި ވަރަށް ފަސޭހަ ކަސްޓަމަރުންނާއި ވަރަށް އުނދަގޫ ކަސްޓަމަރުން ތިބޭކަމީ އެންމެން ގަބޫލުކުރާ ހަގީގަތެކެވެ. ވިޔަފާރި ކޯސްތައް ހިންގާއިރު 'އުނދަގޫ ކަސްޓަމަރުން' ނާ މުއާމަލާތް ކުރާނެ ގޮތްތައް ފިލާވަޅެއްގެ ގޮތުގައި ކިޔަވައިދެނީވެސް ކަމެއްވެގެންތާއެވެ!
      އަޅުގަނޑުގެ ހިތުން ނުފިލައިގެން މިއުޅޭ ދެ އަންހެން ކަސްޓަމަރުންގެ ތެރެއިން އެކަކީ  ޒުވާން ދިވެއްސެކެވެ. އަނެކަކީ ލަފާކުރެވޭގޮތުގައި އަވައްޓެރި އޮޅުދޫކަރައިގެ މެދުއުމުރުގެ މީހެކެވެ. މި ދެމީހުންވެސް ގަންނަން ބޭނުންވީ، އަޅުގަނޑުމެން ވިއްކާ ހުސްކޮށްލެވޭތޯ މަސައްކަތްކުރާ ތަކެތީގެ ތެރެއިން ސައިފުރޭންޏެވެ. ފުރޭނިތައް އޮއްސާލާފައި ހުރި މޭޒު ކައިރިޔަށް ލެފިލާފައި ދެމީހުންވެސް ފުރޭނިތައް ބަލަން ފަށައިފިއެވެ. މި ފުރޭނިތަކަކީ ބޯކަރުދާހު ފޮށީގައި ރަނގަޅަށް ބަންދުކުރެވި، އެމީހުންގެ ކުރިމަތީގައި ޓޭޕް ކަނޑާލައި މޭޒުމައްޗަށް އޮއްސާލެވޭ ތަކެއްޗެވެ. ބައެއް ފުރޭނީގެ ޕްލާސްޓިކް ދާކޮޅު ފިތިފައި ހުރެއެވެ. އެނޫން އެއްވެސް އައިބުކަމެއް ނުހުރެއެވެ. ނަމަވެސް މި ދެމީހުން ފާހަގަވެގެން ދިޔައީ ކުރާކަމަކަށް ފަރުވާ ބެހެއްޓުމުގެ ލާމަސީލު ދެމީހުންގެ ގޮތުގައެވެ. ދެމީހުންމެ ދެ ފުރޭނި ނަގައިގެން ހުސްކޮށް އޮތް އަތުގެ ޝަހާދަ އިނގިލިން އެމީހަކު ނެގި ފުރޭންޏެއްގެ ބޭރު ފުށާއި އެތެރެ ފުށް ބަލައި ޗެކުކޮށްފިއެވެ.  ނޭފަތުގައި ޖެހޭނުޖެހޭ ހިސާބު ކައިރިން ބަލައިފިއެވެ. އަތް ސީދާކޮށް، މި ފުރޭނިން މަގުމަތީ އަލީ ފާއްދާ ގޮތާއި މިންވަރު ޓެސްޓުކޮށްފިއެވެ. ދެން ހަމަ އެހުރިގޮތަށް ހުރެ ކަނޑުން އަންނަ ސާފު ވައިރޯޅި އިތުރަށް ސާފުކޮށްލާ ކަހަލަ ގޮތަކަށް ފުރާނާލައިފިއެވެ.  މި ފުރޭނީގެ އަގަކީ 1 ރުފިޔާއެވެ. މިހާރު މަގުމަތީބޮކީގެ ހަނދުވަރީ އަލި ފުރާނައި، ތެތް ކަނޑުވައިރޯޅިތަކެއްވެސް ފުރާނައިފިއެވެ. ނަމަވެސް އެ ދެ ފުރޭނި ގަންނާނެކަމުގެ ހަމަ އެއްވެސް އުންމީދެއް ދެން މިހާރު އަޅުގަނޑުގެ ހިތަކު ނެތެވެ. ގަޔާވާކަހަލަ  އިޝާރާތެއް ލޮލުން، މޫނުމަތިން ހަމަ ކުޑަކޮށްވެސް ނުފެންނާތީއެވެ. މިހެން ބަލާ ޗެކުކުރަމުން ބައެއްކުލަ އަނެއްބައިކުލައަށްވުރެ މަގުބޫލުކަން ހޯދަމުން ގޮސް އެންމެ ފަހުން ކޮންމެމީހަކުމެ ރުފިޔާއެއް ދީފައި ފުރޭންޏެއް ގަނެގެން ނައިޓްމާކެޓުގެ އަނދިރިކަމާއި ފެތުރިފައި އޮތް އިންސާނީކަނޑުގެ ތެރެއަށް ގެއްލި އޮބާލައިފިއެވެ.
މިހުރިހާކަމެއް ގާތުން ބަލަން މަޖުބޫރުވެގެން ހުންނަން ޖެހުމުން އަޅުގަނޑު ހިތަށް އެރިއެވެ. މިހިރީދެން ދުނިޔޭގެ ކަންތައް ހުންނަ ގޮތްތާއެވެ. ހެޔޮކޮންވިއްޔާ މިތަނުން އަވައްޓެރި ރަށުގެ އަންހެނާއަށް ހަޔާތުގެ ބައިވެރިޔަކު އޭނާގެ އާއިލާގެ ފަރާތުން ހޯދައިދީފައިވާނީ އޭނާ މާލޭގައިހުއްޓައެވެ!  މާނަޔަކީ އޭނާއަށް އޭނާގެ ހަޔާތުގެ ބައިވެރިޔާ އަލަށް ފެނިފައިވާނީ ކައިވެނި ހަފުލާއިންނެވެ. ދިވެހި އަންހެނާ ވެސް ' އާން' ބަސް ބުނިކަމަށް ލަފާކުރެވެނީ ރެސްޓޯރެންޓެއްގައި، އެތަނުގެ އަލީގެފަނޑުކަމުން 'ރެސްޓޯރެންޓު މެނޫ' ވެސް ކިޔަން ނޭނގޭހާ އަނދިރީގައެވެ! ވީމާ 1 ރުފިޔާއަށް ވިއްކާ ފުރޭންޏެއް ހޯދުމުގައި މާބޮޑު ސަމާލުކަމަކާއި އަޅާލުން ދެވިއްޖެތާއެވެ!!!






No comments: