Thursday, May 17, 2012

ޢަދާލާތްތެރި ޤާނޫނަށްވުރެ ޢަދާލާތްތެރި ޤާޒީން މާމުހިންމެވެ.
އަޙްމަދް ސަމީރު ޢަލީ
މި ލިޔުމުގައި އަޅުގަނޑު ހިމަނާލަން ގަސްތު ކުރަނީ މީގެ 25 އަށް އަހަރު ކުރިން އަޅުގަނޑު ކިޔަވަން އުޅުނު ދުވަސްވަރު ކީިމަޒްމޫނެއްގައި ހިމެނުނު ވަރަށް އިބްރަތްތެރި ވާހަކައެވެ. އެ މަޒްމޫނު ލިޔުއްވި މުޅި އަރަބި ދުނިޔެއަށް މަޝްހޫރު ނޫސްވެރިޔާ އަނީސް މަންސޫރު މިހާރު ނިޔާވެއްޖެއެވެ. އެ މަރުޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު     ކުރެއްވުން އެދި ދުޢާ ދަންނަވަމެވެ.
މިސްރަކީ ނީލް ކޯރުގެ ސަބަބުން ބިންމޮޅު ރަށެކެވެ.  މާސިންގާ ސަހަރާއެއްގެ މެދުން ފެހި ރިބަންފަށެން ހެން ދެކުނުން އުތުރަށް ދެމިފަައި އެވާ ނީލްކޯރުގެ ދެފަރާތުގެ އައްސޭރި އާއި ކޯރު ދެކަފިވުމުން އުފެދޭ ޑެލްޓާ އަކީ މިސްރުގެ މަޝްހޫރު ދަނޑުބިންތައް ހިމެނޭ ސަރަޙައްދެވެ. މިއީ އެރަށުގެ  5% ހާ ކުޑަ ބިންކޮޅެކެވެ. ނަމަވެސް އެއްޒަމާނެއްގައި ރޯމަން އެމްޕަޔަރގެ ކާނާގެ ޓުކުރި ކިޔުނީވެސް ހަމަ މި ބިންކޮޅުގެ ތިޔާގި ކަމުންނެވެ.
މިސްރުގައި ކޮންމެ މޫސުމެއްގައިވެސް  އެމޫސުމެއްގައި ހެދޭ މޭވާތައް ދޮންވެ ފައްކާވެ ވިއްކަން ބާޒާރަށް ނެރެވޭވަރު ވުމުން ކޮންމެ ބާވަތެއްގެ މޭވާއެއްވެސް ވިއްކަން ޖެހެނީ ސަރުކާރުން ކަނޑައަޅުއްވާފައިވާ ' ކޮންޓްރޯލް' އަގުގައެވެ. ފިނި މޫސުން އައުމުން އޮރެންޖުގެ ބާވަތްތައް ފަދަ މޭވާ ވިއްކަންވާނީ މިދެންނެވި ' އެކަށައެޅިފައިވާ' އަގުގައެވެ. ހޫނު މޫސުމުގައި ކަރާ، މޭބިސްކަދުރު ފަދަ މޭވާއެވެ.
ޓޮމާޓޯއަކީ އާންމު ގޮތެއްގައި މުޅި އަހަރުތެރޭގައިހެން ލިބޭ މޭވާއެކެވެ. ތަރުކާރީއެކޭތޯއެވެ؟ އެންމެ ރަނގަޅެވެ. މި މަޒުމޫނުގައި ވަކިގޮތެއް ނުނިންމާނަމެވެ! ކޮންމެއަކަސް ޓޮމާޓޯ ކިލޯއެއް 9 ލާރިއަށް ހުރި ދުވަސްވަރެއްގައި، މާނައަކީ އެންމެންވެސް ކިލޯއެއް 9 ލާރިއަށް ( 9 ޤިރްޝް ) ހުރި ދުވަސްވަރެއްގައި ސަރުކާރުގެ ( ވުޒާރަތުއްތިޖާރާގެ) އިންސްޕެކްޓަރަކު އައިސް އަންހެނެއްގެ އަތުން ޓޮމާޓޯ ކިލޯއެއް ގަނެފިއެވެ. 10 ލާރި ދީފައި މަޑުކޮށްލުމުން ބާކީ 1 ލާރި ނުދިނުމުން، އޭނާ ޓޮމާޓޯ އެވިއްކީ 10 ލާރިއަށް ކަމަށް ބަލައި މިމައްސަލަ ޝަރީއަތަށް ފޮނުވައިފިއެވެ.
އަނީސް މަންސޫރު، މި މަޒްމޫނު ލިޔުއްވީ އެ ދުވަހު މި އަންހެންމީހާގެ ޝަރީއަތް ހިންގެވި ގާޒީ އަށް މިސްރުގެ ޖަސްޓިސް މިނިސްޓަރުކަން ލިބިލެއްވި ދުވަހެވެ. އެ ވަޒިރަށް ތަހުނިޔާ ދަންނަވަމުން (ދަށުކޯޓެއްގެ ގާޒީއަކަށް ހުންނަވައިގެން ) އެ އަންހެންމީހާއާމެދު ކަންތައް ކުރެއްވިލެއް އިންސާފުވެރި ކަމުން އެކަމަށް އިޝާރާތް ކުރައްވައެވެ. މި ދަންނަވާލަނީ އެދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ކަން ހިނގި ގޮތެވެ.
ޝަރީއަތް އޮތް ދުވަހު އަންހެންމީހާ ކޯޓަށް ދިޔައީ 12 އަހަރު ނުފުރޭ އޭނާގެ ތިން ދަރިން ގޮވައިގެންނެވެ! އެއްކަލަ އިންސްޕެކްޓަރާއި 'އަގުބޮޑުކޮށް' ޓޮމާޓޯ ވިއްކި އަންހެންމީހާގެ ޝަރީއަތް ފެށުމުން، އެކަންވީގޮތް ކިޔައިދިނުމަށް އިންސްޕެކްޓަރުގާތުން ގާޒީ އެދިލެއްވިއެވެ. މީނާ ދެންނެވީ ޓޮމާޓޯ ކިލޯއެއް 9 ލާރިއަށް ވިއްކަންޖެހޭ ދުވަހެއްގައި އެއަންހެން މީހާ ޓޮމާޓޯ ކިލޯއެއް ވިއްކީ 10 ލާރިއަށް ކަމަށެވެ. އެއީ 10 ލާރި ދިނުމުން ބާކީ އެއްލާރި ނުދޭތީއެވެ!
ގާޒީ ބައްލަވާލެއްވީ އޭނާގެ ކުރިފުޅުމަތީގައި އިން ނިކަމެތި އަންހެންމީހާ އަށެވެ. އެއީ  ތުއްތު 3 ދަރިން ބަލަމުން އަންނަ އަންހެނެކެވެ. ގާނޫނު ދެމެހެއްޓުމުގެ ގޮތުން އެންމެ ލާރިޔެއްގެ މައްސަލައެއްގައި މި އަންހެންމީހާ ބަންދުކުރުމުން އޭނާގެ 3 ކުދިން ބިކަހާލުގައި ޖެހޭނެއެވެ. ކުއްވެރި ނުވާކަމަށް ނިންމެންއޮތީ އިންސްޕެކްޓަރުގެ އެއްބާރުލުންވެސް ލިބިގެންނެވެ! ޓްރޭޑް މިނިސްޓްރީގެ އިންސްޕެކްޓަރަށް ގާޒީވިދާޅުވިއެވެ. " މި އަންހެންމީހާ ، ޓޮމާޓޯ ކިރީ ކަލޭ ބަލަން ހުއްޓާހެއްޔެވެ؟" އާދޭހެވެ! " އެހެންވިއްޔާ އަޅެ ބުނެބަލަ، ބަރުވީ ޓޮމާޓޯ އަޅާފައި ހުރި ފަރާތައްތަ، ނުވަތަ 1 ކިލޯ ދަނގަޑު އޮތްފަރާތައްތަ"؟ " ބަރީ ޓޮމާޓޯ ހުރިފަރާތަށް، އިއްޒަތްތެރި ގާޒީ! " ގާޒީ ވިދާޅުވިއެވެ.   " އެހެންވިއްޔާ ތިޔަ ބުނި ބަރުވުމަކީ އެއްލާރިޔަށްވާ ވަރުގެ ބަރުދަނެއްކަމަށްވުން އެކަށީގެންވޭތަ؟" އިންސްޕެކްޓަރަށް ވެސް ގާޒީގެ މަގުސަދު ވިސްނި ރައްދުގައި ދެންނެވިއެވެ. " އާދޭހެވެ! އެބަރުމިނަކީ ހަމަ އެއްލާރިއަށް ވާވަރުގެ  ބަރުމިނެއްކަމަށް ވުން އެކަށީގެންވެއެވެ!"
އަންހެންމީހާ ކުއްވެރި ނުވާކަމަށް ގާޒީ އެ މައްސަލަ ނިންމެވުމުން، މިފަހަރު މި ސަލާމަތްވީ އޭނާގެ ތުއްތު ކުދިންގެ ޙައްގުގައި މި އިންސްޕެކްޓަރާއި ގާޒީ ދެއްވި ލުޔެއްގެ ސަބަބުންކަން އެނގި، ގާޒީއަށް ދެންނެވިއެވެ. " މަނިކުފާނުގެ ބޭފުޅުންވެސް ފުރިހަމަ ސިއްހަތުގައި ލަހައްޓަވާންދޭވެ"!
މިއީ ގާނޫނު 'ލަނބާލުމޭ ' ވެސް ބައެއް މީހުން ބުނެފާނެއެވެ. އަލް މަރްހޫމް އަނީސް މަންސޫރު ލިޔުއްވީ މިހެންނެވެ. " އަދުލުވެރި ގާނޫނަށްވުރެ އަދުލުވެރި ގާޒީން މާ މުހިންމެވެ! "




No comments: